އެއާ އެމްބިއުލްންސްގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ދުބާއީާ ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ހެލްތް މިނިސްޓްރީއާ އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާއި ދެމެދުގަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނާއިބު އަހުމަދު ހަމްދާން ނާސިރު އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒު އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރ ހީނާ ވަލީދު އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ސިއްހީ ކުއްލި ފަރުވާގެ ހިދުމަތް ފުޅާކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެއާ އެމްބިލަންސްގެ ހިދުމަތަކީ ރައީސްގެ، ރިޔާސީ ވައުދުތަކުގެ ތެރެއިން ސަރުކާރުގެ ހަފްތާ 14ގައި ހިމަނައި، 1 މާރިޗް 2024 އިން ފެށިގެން ދެމުންދާ ހިދުމަތެކެވެ.
ހެލްތް މިނިސްޓްރީގެ ދަށުން، މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސަރވިސަސް އުފައްދައި، އެ ހިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ހިދުމަތުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރ މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް، 1،840 (އަށާރަސަތޭކަ ސާޅިސް) ބަލިމީހުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ސިއްހީ ކުއްލި އެހީ ބޭނުންވާ ހާލަތްތަކުގައި، ފަރުވާ ދިނުމަށް، މާލެ ސަރަހައްދަށް އެއަރ އެމްބިއުލަންސްގައި ގެނެސްފައި ވެއެެވެ.