ގައުމީ އެއަރލައިން މޯލްޑިވިއަނުން ށ. ފުނަދޫ އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނީ، މިއަދުން ފެށިގެން ފުނަދޫ އެއަރޕޯޓަށް ހަފްތާއަކު 4 ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ ހަފްތާއެއްގެވެސް، އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
މޯލްޑިވިއަނުން މިހާރު ފުނަދޫ އެއަރޕޯޓަށް ކުރަނީ، ހަފްތާއަކު 3 ދަތުރެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. ފުނަދޫ އެއަރޕޯޓުގެ ހިދުމަތް ފެށީ، 2020 ވަނަ އަހަރުގެ ފެބްރުއަރީގަ އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ތަރައްގީކޮށްފައިވާ ފުނަދޫ އެއަރޕޯޓަކީ، މޫދުން 40 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރި އެއަރޕޯޓެކެވެ. މި އެއަރޕޯޓުގައި ހަދާފައިވަނީ، ދިގުމިނުގައި 1200 މީޓަރު ހުންނަ އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ ރަންވޭއެކެވެ. 90 މީޓަރުގެ ޓެކްސީ ވޭއަކާއި، 50 މީޓަރުގެ އޭޕްރަން އެއްވެސް މި އެއަރޕޯޓުގައި ހަދާފައިވެ އެވެ.