ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ވަކިން ހުންނަ ފަޅުތައް އެކި ބޭނުންތަކަށް ކަނޑައަޅައި ކުއްޔަށް ދިނުމުގެ ފުރިހަމަ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި “ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން، ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އިޤްތިޞާދީ އަދި އެނޫންވެސް ބޭނުންތަކަށް ދޫކުރުމުގެ ޤާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
މި ބިލަކީ މިމަހު 26 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.
މި ބިލުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާ ފިޔަވައި އެހެނިހެން އެކި ބޭނުންތަކަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރާނެ އުޞޫލުތަކާއި، ޝަރުޠުތަކުގެ އިތުރުން ޢަމަލުކުރާނެ އިޖުރާއަތްތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، އިޤްތިޞާދީ، ސިނާއީ އަދި އިޖްތިމާޢީ ތަފާތު ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅުތައް ކަނޑައަޅާނެ ގޮތްތަކާއި، ވަކި ޚާއްޞަ ކަމަކަށް ކަނޑަނާޅާ ހުންނަ ފަޅުރަށްރަށް ބެލެހެއްޓުމަށްޓަކައި ވަރުވާއަށް ލިޔެދޭނެ އުޞޫލުތައް މިހާރު ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.
މި ބިލުގެ ދަށުން ފަޅުރަށްރަށުގެ ކުލި ނަގާ ރޭޓުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެ ކުރިން އަކަމީޓަރަކަށް 10 ލާރި ނަގަމުން އައި ނަމަވެސް، ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް އަލަށް ކަނޑައެޅި ކުލީގެ ރޭޓުތައް ތިރީގައި މިވަނީއެވެ:
- ސިނާއީ އަދި އިޤްތިޞާދީ ބޭނުންތަކަށް: އަކަމީޓަރަކަށް 3 ރުފިޔާ
- މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުންތަކަށް: އަކަމީޓަރަކަށް 2 ރުފިޔާ 50 ލާރި
- އިޖްތިމާއީ ބޭނުންތަކަށް: އަކަމީޓަރަކަށް 2 ރުފިޔާ
- ވަރުވާއަށް ދޫކުރާ ތަންތަނަށް: އަކަމީޓަރަކަށް އަހަރަކަށް 2 ރުފިޔާ
މީގެ އިތުރުން، އެކި ބޭނުންތަކަށް ދޫކުރާނެ ފަޅުރަށްރަށާއި ފަޅުތައް ކަނޑައަޅުއްވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް، ފަތުރުވެރިކަމާއި، ސިނާއީ އަދި ދައުލަތުގެ ބޭނުންތަކަށް ދޫކުރާ ތަންތަން ފިޔަވައި، ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ފަޅުރަށްރަށް އެކި ބޭނުންތަކަށް ދޫކުރުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ލިބިދީފައިވެއެވެ
.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 30 ދުވަސް ހަމަވުމުން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.
މި ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން، 1998 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައީ “ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު” އެވެ. އެ ބާގަވާއިދުގެ ދަށުން، ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމާއި ބެލެހެއްޓުމުގެ އިދާރީ ބާރުތައް އެކި މިނިސްޓްރީތަކާއި ލޯކަލް ކައުންސިލްތަކުގެ މެދުގައި ބެހިފައި އޮތުމުގެ ސަބަބުން، ރަށްރަށް ދޫކުރުމުގައި ގިނަ ހުރަސްތަކަކާއި ލަސްތަކެއް ކުރިމަތިވަމުންދިޔައެވެ. މީގެއިތުރުން، އެ ގާނޫނުގެ ދަށުން ފަޅުރަށްތަކުން ކުލީގެ ގޮތުގައި ނަގަމުން އައީ އަކަމީޓަރަކަށް އެންމެ 10 ލާރީގެ ފްލެޓް ރޭޓެއް ކަމަށްވުމުން، ދައުލަތަށް ލިބޭ މާލީ ފައިދާ ވަރަށް ކުޑައެވެ. އަދި ކުއްޔަށް ދޫކުރާ ރަށްރަށުގެ ދެފުށް ފެންނަ ރެކޯޑުތައް އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކާ ހިއްސާކުރުން މިހާރުގެ އާ ގާނޫނުން ލާޒިމުކުރާ ފަދަ ހަރުދަނާ ނިޒާމެއް މީގެކުރިން ގާނޫނީގޮތުން ގާއިމުވެފައެއް ނެތެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1