އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވައިފިއެވެ.
ފައްޔާޒު ވިދާޅުވީ އެ މަގާމުގައި ހުރި މުއްދަތުގައި ޕާޓީގެ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހިތްވަރުގަދަ އާންމު މެންބަރުންނާއި ޕާޓީގެ ކަންކަމުގައި ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ގައުމީ މަޖިލީހާއި ސެކްރެޓޭރިއޭޓުގެ މެންބަރުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
“އަސާސީ ހައްގުތަކާއި ރައްޔިތުންގެ ބާރުވެރިކަން ހޯދައިދިން ޕާޓީގެ މެންބަރުންނާއެކު ގާތުން މަސައްކަތް ކުރެވުމަކީ އަޅުގަނޑުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފް”
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި ވެސް އިސްލާހީ މަސައްކަތުގައި ދެމިހުންނާނަނެ ކަމަށް ފަޔާޒްވަނީ ވިދާޅުވެފައެވެ.
ފަޔާޒް ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.
ފައްޔާޒު ފޮނުއްވި ސިޓީގައި އެ ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށާއި އަސާސީ ގަވާއިދަށް ގެންނައުމަށް 2022 ވަނަ އަހަރުގެ އޯގަސްޓް މަހު ކޮންގްރެސް އެއް ބޭއްވި ކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނޭކަމަށް އިޝާރާތްކުރެއްވުމުން، އެއީ ޕާޓީ ބައިބައިވުމަށް މެދުވެރިވެދާނޭ ކަމެއް ކަމަށް އިހުސާސުވި ކަމަށާއި، އަދި އެއީ ޕާޓީއާއި މުޅި ގައުމުގެ ކުރިމަގަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސިފަވި ކަމަށް ފައްޔާޒު ވިދާޅުވެފައިވެ އެވެ.
އެކަމަށް ހައްލެއް ހޯދުމަށްޓަކައި ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އެމަނިކުފާނުގެ ޓީމާއެކު ފަސް ފަހަރު ބައްދަލުކުރި ކަމަށާއި އެ ބައްދަލުވުމުގައި ނަޝީދުގެ ޓީމުން ހުށަހެޅީ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަ ނުކުރުމަށާއި، އެކަމުގެ ބަދަލުގައި ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށާއި، އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށެވެ. ނަމަވެސް އެކަމުގައި ދެފަރާތުން އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ހުއްޓާލީ ކަމަށް ސިޓީގައިވެ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވީއިރު ވެސް ޕާޓީ އޮތީ އެ ނުތަނަވަސް ކަމުގެ ތެރޭގައި ކަމަށާއި އެ އިންތިހާބުގައި ދެ ޕާޓީ ގުޅިގެން އުފައްދާ ކޯލިޝަނަކުން ގޮނޑިތަކަށް ވާދަކުރުމަށް ހުށަހެޅުމުން އެ ހުށަހެޅުމަށް ތާއީދު ނުލިބުނު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.