ދުންފަތް ކޮންޓްރޯލް ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖެއަށް އެވޯޑެއް ލިބިއްޖެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތަށް ތަންފީޒުކުރާގޮތް ދިރާސާކުރާ، ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ކަމުގައިވާ، ގްލޯބަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީ.ޖީ.ޓީ.ސީ) އިން ރާއްޖެއަށް ދިނީ އެ ޖަމްއިއްޔާއިން ދެމުން އަންނަ “އިންޓެގްރިޓީ އެވޯޑް”އެވެ.
ރާއްޖެއަށް މި އެވޯޑް ދިނުމުގައި އެ ޖަމްއިއިއްޔާއިން ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި، އެ ޖަމއިއްޔާއިން ކޮންމެ 2 އަހަރަކުން، އެއްފަހަރު އެޖަމްއިއްޔާއިން ޝާއިއުކުރާ “ޓޮބޭކޯ އިންޑަސްޓްރީ އިންޓަރފަރެންސް އިންޑެކްސް” ގައި ރާއްޖެއަށް ލިބިފައިވާ ސްކޯރ ހިމެނޭ ކަމަށް މިނިސްޓަރީން ބުނެއެވެ. މި އިންޑެކްސްގައި، ދުންފަތް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތަކަކީ ދެފުއް ފެންނަ، އިހްލާސްތެރި އަދި ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްވެފައިވާ ސިޔާޔަތުތަކެއްކަން ކަށަވަރުކުރުމަށް އެ ޖަމްއިއްޔާއިން ކުރާ ދިރާސާތަކުގެ ނަތީޖާ ހިމެނެ އެވެ.
އިންޓެގްރީ އެވޯޑް ރާއްޖެއަށް ހަވާލުކުރީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑް ގެ ޖެނީވާގައި ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ “ފްރޭމްވަރކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް، (އެފް.ސީ.ޓީ.ސީ)” ގެ ގަވަރނަންސް ބައްދަލުވުން ކަމުގައިވާ، “ކޮންފަރެންސް އޮފް ދަ ޕާރޓީސް (ކޮޕް)” ގެ 11 ވަނަ ސެޝަންގެ ހަވާސާގައެވެ. ދިވެހިރާއްޖެއަކީ އެފް.ސީ.ޓީ.ސީ ގެ މެންބަރު ޤައުމެކެވެ. އަދި ކޮޕް 11 ގައި ދިވެހިރާއްޖޭގެ ޑެލިގޭޝަންއެއް ބައިވެރިވެއެވެ.
ރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ ސަލްމާ ރަޝީދުއެވެ.