ހުޅުމާލެ ދެވަނަ ފިޔަވަހީގައި ލަގްޒަރީ ހައުސިން މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ފޭސް ދޭއްގެ 125،387 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފަ އެވެ. އެތަނުގައި 47 މީޓަރު އުހަށް އިމާރާތް ކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެޗްޑީސީން ބުނީ، މި މަޝްރޫއު ހަވާލުކުރުމުގައި އިސްކަންދޭނީ، ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް މޮޑެލްއަށް ކަމަށެވެ. ނަމަވެސް އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށްވެސް ހުށަހެޅޭނެ ކަމަށާއި އޭގައި ދެ ފަރާތަށްވާނެ ފައިދާތައް ތަފްސީލުކޮށް ހިމަނަންވާނެ ކަމަށް ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ، މަޝްރޫއަށް އެކަކަށްވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ، މަޝްރޫއު ހަވާލުކުރާނީ އެ ކުންފުނީގެ ވިޝަންއާއި މާސްޓާޕްލޭން، އެންމެ ފުރިހަމައަށް ހިމެނޭ އީއޯއައިއަކަށް ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބިޒްނަސް މޮޑެލްއާއި، ތަޖުރިބާއާއި ކޮންޓްރެކްޓަރުގެ ޓާމްތަކާއި، އެބައެއްގެ މާލީ ގާބިލުކަމުގެ އިތުރުން ސީއެސްއާރު ފަދަ ކަންކަމަށް ބަލާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
އެޗްޑީސީން ވަނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.