ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ރެކޯޑް އަދަދެއް ކަމަށްވާ 58,505 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ސިޔާސަތުގެ ދަށުން ހިންގާ “އާއިލީ ބޯހިޔާވަހިކަން” އަދި “ގޯތިގެދޮރު” ޕްރޮގްރާމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ލިބިފައިވާ ޖުމްލަ އެޕްލިކޭޝަންތަކުގެ ތެރެއިން އެންމެ ގިނައީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކެވެ. ފްލެޓަށް އެދި ޖުމްލަ 35,930 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22,575 އެޕްލިކޭޝަނެވެ.
“ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތަކީ ދިވެހިރާއްޖޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިފްތިތާހުކޮށްފައިވާ ގައުމީ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ހިންގާ “އާއިލީ ބޯހިޔާވަހިކަން” އަދި “ގޯތިގެދޮރު” ޕްރޮގްރާމުގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލެއިން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ