މާލޭގައި އިމާރާތްކުރާ ދާރުއްނޫރު ވަގްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް އިސްލާމިކް މިިނިސްޓްރީން އިއުންކޮށްފި އެވެ.
އިސްލާމިކް މިިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ވަނީ ދާރުއްނޫރު ވަގްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދިނުމާއި ކުރެހުންތަކާއި، ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އިސްލާމިކް މިިނިސްޓްރީން ބުނީ، މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްކަމަށެވެ. އަދި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ. އެގޮތުން މިހާރު ވަނީ މާލޭގައި ތަރައްގީކުރާ ދާރުލްއަރުޤަމްއާއި ހުޅުމާލޭގައި ތަރައްޤީކުރާ ދާރުލްސަލާމް ވަޤުފު އިމާރާތުގެ ބިންގާ އަޅާފައެވެ. މީގެ އިތުރުން މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަގުފުރު އިމާރާތެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. މި އިމާރާތުގެ އަމަލީ މަސައްކަތް މި ފެށޭ އަހަރު ފެށުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ.
ހުޅުމާލެއާއި މާލޭގައި ތަރަޤީކުރަން ފަށާފައިވާ ވަގުފު އިމާރާތްތަކަކީ ޒަމާނީ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިމާރާތްތަކެކެވެ. މި އިމާރާތްތަކުން ލިބޭ އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް އަދި ބާކީ ހުރި %80 އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުތަކަކީ މި މަޝްރޫޢުއަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ރާއްޖޭގައި ވަގްފު ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫއުތަކެކެވެ.
މާލޭގައި ތަރައްގީކުރާ ވަގުފު އިމާރާތްތަކުގެ އިތުރުން އައްޑޫ ސިޓީއާއި، ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަގްފު މަޝްރޫއު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއެކު މި މަޝްރޫއުތައްވެސް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފައެވެ. މި މަޝްރޫއުތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ.