ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން 100 ފުލެޓުގެ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން ފްލެޓް ލިބޭގޮތަށް އެ ކެޓަގަރީ އިސްލާހުކޮށް އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، މާލޭ ސަރަހައްދުން ދޫކުރާ 7،900 ފުލެޓުގެ ތެރެއިން މި 100 ފުލެޓު ޚާއްސަކޮށްފައިވަނީ އާއިލީ ބޯހިޔާވަހިކަން ސްކީމްގެ ތެރެއިންނެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، މި ކެޓަގަރީއަށް ޝަރުތު ހަމަވާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ފަރާތްތަކަށެވެ. އަދި މިފަހަރުގެ އިސްލާހު ކުރި އުސޫލުގެ ދަށުން މާލޭގައި ދިރިއުޅޭ މުއްދަތާ ގުޅޭގޮތުން ކުރިން އޮތް ހަރުކަށި ޝަރުތުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.
އެގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި:
- މާލޭގެ ރަށްވެއްސަކަށް ވާންޖެހޭ މުއްދަތު 1 އަހަރަށް ކުޑަކުރުން.
- މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް އޮތް 15 އަހަރުގެ ޝަރުތު 5 އަހަރަށް ބަދަލުކުރުން.
- ރަށުން ފަރުވާ ލިބެން ނެތިގެން މާލެއަށް ބަދަލުވެ، ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ފުރުސަތު ދިނުން.
މި ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން، އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ފޯމު ހުށަހަޅަންޖެހޭނީ “ގެދޮރުވެރިޔާ ޕޯޓަލް” (https://boahiyaavahikan.housing.gov.mv) މެދުވެރިކޮށެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ހައުސިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އަށް ގުޅުއްވުމަށް ނުވަތަ hotline@infrastructure.gov.mv އަށް އީމެއިލް ކުރެއްވުމަށް އެ ވުޒާރާއިން އިރުޝާދު ދެއްވައެވެ.