ރ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ދުވާފަރު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫއުގެ ދަށުން 62،264 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކޮށް، 343 މީޓަރުގެ ތޮށްޓެއް ބޭރުތެރެއަށް ޖެހުމާއި 285 މީޓަރުގެ ތޮއްޓެއް އެތެރެވަރިއަށް ޖެހުމާއި 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮއްޓެއް ލުމާއި 25 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހަދާނެ އެވެ. 154 މީޓަރު ދިގު 1.5 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
މިއީ 142.11 މިލިއަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.
ދުވާފަރަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ރަށެއްކަމުން، ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢުގެ ސަބަބުން އެރަށުގެ ބަނދަރު ބޭނުންކުރުމުގައި މަސްވެރިންނަށް މިހާރު ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.