ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގު ހެޔޮކޮން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރ ދުވާފަރުގައި ހުޅުވައިފި އެވެ.
މި ފިއުލް ޝެޑް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ބޮޑު ކަންނެލީގެ މަސްވެރިންގެ އޮތް ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމުގެ ގޮތުން އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި “އެސްޓީއޯ ރޭޓު”ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓާފަ އެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ފިއުލް ޝެޑް ދުވާފަރުގައި ގާއިމްކޮށް ހިދުމަތް ދޭން ވަނީ މިހާރު ފަށާފަ އެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި “އެސްޓީއޯ ރޭޓު”ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ހެޔޮ އަގުގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކޮންމެ އަތޮޅެއްގައިވެސް، މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ވައުދެކެވެ.
އެ ދާއިރާއިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވައުދުތަކެއް ސަރުކާރުން ގެންދަނީ ފުއްދަވައި ދެއްވަމުންނެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މަސްވެރިންނަށް ނުދައްކާ ހުރި ފައިސާ ދައްކާ ހަލާސްކޮށް، 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ އަންނަނީ ދޫކުރަމުންނެވެ.
އަދި ކުރިއަށް އޮތްތަނުގައި މަސްވެރިން ބޭނުންވާ ހުރިހާ ވަސީލަތްތައް ގާއިމުކުރެވި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ހުރިހާ ކަމެއް ގާއިމުވެގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ.