ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ބަންދުން ދޫކޮށްލައިފި އެވެ.
އެމްޕީއެލްގެ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ވަގަށް ނަގާފައިވަނީ، އޭޕްރީލް މަހު ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
މި މައްސަލާގައި އާއްޓޭއާއި ދިގަލިގެ އިތުރުން އަށް މީހަކު ހައްޔަރުކުރި އެެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، މި މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި މިމަހުގެ ތިންވަނަ ދުވަހު ފުލުހުން ހުށައާޅާފައިވާކަމަށެވެ. ޕީޖީން ބުނީ، މި މައްސަލާގައި ދައުވާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާއި، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާނެކަމަށެވެ. ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ އަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދައުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިއާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު މިއަދު މުރާޖައާކޮށްފައިވާކަމަށް ޕީޖީން ބުންޏެވެ.
އެގޮތުން، އާއްޓޭއާއި ދިގަލި ބަންދުން ދޫކޮށްލަން ނިންމާފައިވަނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީކަމުގައި ޕީޖީން ވަނީ ބުނެފަ އެވެ. އަދި މިމައްސަލާގައި ހައްޔަރުކޮށްފައި ހުރި ކ. ތުލުސްދޫ، ލިންކް، ޙަހަސަން އަބްދުއްރަހުމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީކަމަށް ބުނެފައި ވެއެވެ.
އެހެންކަމުން، މި މައްސަލާގައި މިހާރު ބަންދުގައި ތިބީ:
- ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއީލް
- ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމް
- ހ. ރުމޭނިޔާ، އަހްމަދު ފިރުސާން
- ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހު
- ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު
- ބަނގުލަދޭޝް، މުހައްމަދު އަލަމިން މިއާ
- ހ. ނިއުހެޕިނަސް، މުއާޒު އަލީ
ޕީޖީން ވަނީ، އެ މީހުންގެ ބަންދު މުރާޖައާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ހާާލަތެއް ނެތްކަމަށް ނިންމާފައެވެ. ސަބަބަކީ، އެމީހުންނަކީ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީއެވެ.