ސަރުކާރުންގެ ތިން މިނިސްޓްރީއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކާ ގުޅިގެން ޗައިނާ ސަރުކާރުން 2.8 މިލިއަން ޑޮލަރުގެ އެހީގެ ސާމާނު ހަދިޔާކޮށްފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު، ހައުސިން މިނިސްޓްރީގެ އިމާރާތުގައި ރޯވެ، އެ އިމާރާތުގައި އޭރު ދެން ހިންގި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ޖެހިގެން ހުރި ގްރީން ބިލްޑިންގްގައި ހިންގި އެންވަޔަރުމެންޓް މިނިސްޓްރީގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. އެހެންކަމުން އެ ތިން މިނިސްޓްރީގެ މަސައްކަތް މިހާރު ކުރާނީ ވަގުތީގޮތުން ދަރުބާރު ގޭގަ އެެވެ.
އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކާ ގުޅިގެން ޗައިނާ ސަރުކާރުން މިއަދު ވަނީ 2.8 މިލިއަން ޑޮލަރުގެ އެހީގެ ސާމާނު ހަދިޔާކޮށްފައެވެ. ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެހީގެ ލިޔުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސަފީރު ކޮން ޝިއަންވާ އެވެ. ދިވެހި ސަރުކާރުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ޗައިނާއިން ހަދިޔާކުރި އެހީގެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ އޮފީސްތަކަށް ކޮންމެހެން ބޭނުންވާ ސާމާނާއި ފަރުނީޗަރު ފަދަ ތަކެއްޗެވެ.
މކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި އަަމަލީ އެހީތެރިކަމެއް ނޫން ކަމަށާއި، އެއީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ.
ވަޒީރު ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އުމްރާނީ ތަރައްގީއާއި، ތަރައްގީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ޗައިނާ ސަރުކާރުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ.