ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އަނިޔާވި އަހްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 26ވަނަ ދުވަހު ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. އޭނާއަކީ ސްޓެލްކޯގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެކެވެ.
ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފު އަޒްމީލް ނިޔާވި ޚަބަރު އަޑުއެހީ ނުހަނު އަސަރާއި ހިތާމައާ އެކުކަމަށެވެ.
“އެ އާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދެން. އަދި މަރްހޫމް އަހްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރަން.” ރައީސްގެ ޕޯސްޓުގައި ވެއެވެ.
މިދިޔަ މަހުގެ 26ވަނަ ދުވަހުގެ މެންދުރުފަހު 12:00 ހާއިރު ކަރަންޓު ކެނޑިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުންނެވެ.
އަލުން ކަރަންޓު ދޭން، ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލަ ހައްލު ކުރަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އަޒްމީލްއަށް އެކި ވަރުގެ އަނިޔާ ލިބުނެވެ. އޭނައަށޤ ހުޅުމާލެ ހޮސްޕިޓަލުގައި އެ ދުވަހު ފަރުވާ ދޭން ފެށިއެެވެ. އަދި އަޒްމީލް ތައިލޭންޑަށް ގެންގޮސް ބެންކޮކް ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.