45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ މަސްވެރިންގެ ފޯރަމް މިއަދު ރ. ދުވާފަރުގައި ފަށައިފިއެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ދުވާފަރުގައެވެ.
މަސްވެރިންގެ ފޯރަމް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުއެވެ. މިފޯރަމްގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން މި ފޯރަމްގައި ބައިވެރިވިއެވެ. މި ފޯރަމްގައި 9 އަތޮޅަކުން 47 މަސްވެރިންނާއި 4 މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވިއެވެ.
މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަގްސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް މި ފޯރަމްގައި މަޝްވަރާކުރާނެއެވެ.
މިއަދު ހެނދުނު ފެށި މަސްވެރިންގެ ފޯރަމްގައި މަސްވެރިން ވަނީ އެމީހުންނަށް ހުރި ދަތިތަކާއި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ވުޒާރާއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.