މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އަދި ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރި އާއިލާތަކުގެ އަބަދުވެސް އޮންނަ އެއް ކަންބޮޑުވުމަކީ ބާނާ މަހަށް ގަވާއިދުން ފައިސާ ނުލިބުމެވެ. މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބުމުގެ ދަތިކަމާއެކު، މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅެފައިވާ ސިޔާސަތުތަކުގެ ސަބަބުން މަސްވެރިކަމަށް ނިކުންނަ ދިވެހިންގެ އަދަދު ދިޔައީ ދަށްވަމުންނެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މަސްވެރިން މަސް ކިރުވުމަށްފަހު މިފްކޯއިން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭތާ އެތައް ދުވަހެއްވަނީ ވެފައެވެ. ނުލިބިހުރި ފައިސާގެ އަދަދު 250 މިލިޔަނެއްހާ ރުފިޔާއަށް އަރައެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ ކެމްޕެއިންގެ ދުވަސްވަރު މަހުގެ އަގު ކިލޯއެއް 25 ރުފިޔާއަށް އޭރުގެ ސަރުކާރުން ބޮޑުކުރުމެވެ. އެކަންވީ މިފްކޯއަށް ތަހައްމަލު ކުރަން އުނދަގޫވި ރިހުމަކަށެވެ. މިފްކޯ ގެއްލުމުގައި ހިންގަމުންދާއިރު، އެ އަގުގައި މަސްގަތުން ވެގެންދިޔައީ ދައުލަތަށް އުފުލަން ޖެހުނު އިތުރު ބުރައަކަށެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ ކުރެއްވި މަސައްކަތުން 250 މިލިޔަން ރުފިޔާގެ ބެކްލޮގް އެއްކޮށް ދައްކާ ހަލާސްކުރިއެވެ.
މިދިޔަ އަަހަރުގެ މަސްވެރިންގެ ދުވަހު މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށުނުއެވެ. އަދި އެދުވަހުން ފެށިގެން މިހާތަނަށް މަސްވެރިން ކިރުވި 58،510 ޓަނުގެ މަހަށް މުޅި ޖުމްލަ 900،322،300 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.