ޕާކިންގ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވަގުތީ ޕާކިންގ ޒޯންތަކެއް ކަނޑައަޅައިފިއެވެ.
އެޗްޑީސީން ބުނީ، މި ޖާގަތަކަކީ ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ކަނޑައަޅާފައިވާ ޖާގަތަކެކެވެ. އެގޮތުން މިހާތަނަށް 1،964 އުޅަނދު ޕާކު ކުރެވޭނެ ޖާގަ ވަގުތީގޮތުން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
އެޗްޑީސީން ވަގުތީ ޕާކިންގ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، މަސްޖިދުލް ވާލިދައިން ކައިރި 115 ޕާކިންގ ޖާގައިގެ ސަރަހައްދަކާއި، ގާޒީ ސްކޫލު ކައިރި 254 ޕާކިންގ ޖާގައިގެ ސަރަހައްދަކާއި، ހިޔާ ޓަވަރު 16ގެ ކައިރިން 1233 ޖާގައިގެ ސަރަހައްދެއްގެ އިތުރުން ވިނަރެސް ކައިރިން 362 ޖާގައިގެ ސަރަހައްދެކެވެ.
އެޗްޑީސީން ބުނީ، މި ވަގުތީ އިންތިޒާމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ވެހިކަލްތަކަށާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ވަގުތީ ޕާކިން ސަރަހައްދުތަކުގެ ސަބަބުން އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެކަމަށް ވަނީ ބުނެފަ އެވެ.