މަސްވެރިކަމަކީ ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަހުރުވެރި، ދިވެހިވަންތަ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ގުޅިލާމެހިފައިވާކަމަށެވެ. އަދި އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދިކަން ފާހަގަކުރައްވާ ރައީސް ވަނީ މަސްވެރިކަމަކީ ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަހުރުވެރި، ދިވެހިވަންތަ މަސައްކަތްކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށެވެ. މީގެ އިތުރުން، ގައުމުގެ އިގްތިސާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުމާއި، މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް ވަނީ ފޮނުއްވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަހްމަތާއި މަދަދާއި ބަރަކާތް މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދިވަޑައިގެންވަނީ ދުޢާކުރައްވާފައެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސަވާފައެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 1981 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، މަސްވެރިންކަން ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ މަސައްކަތް ދިރުވާ އާލާކުރުމާއި، މަސްވެރިކަމަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތައް ދެނެގަނެ ސަރުކާރުން އެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އެންގުމެވެ.