ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެން ފަށާނީ ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިގެން، ނޯތް ހާބަރަށް ހިމެނޭ ސަރަޙައްދުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެފި އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ 250 މީޓަރުގެ ސަރަޙައްދެކެވެ. އެމްޓީސީސީން ބުނީ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. މަގު ތަރައްގީކުރަނީ 4 ލޭނަކަށެވެ. އެމްޓީސީސީން މިމަސައްކަތް ފަށަނީ ރޯދައިގެ ކުރިން މަސައްކަތް ނިންމައި މަގު ހުޅުވާލުމަށް އަމާޒު ކަނޑައަޅައިގެންނެވެ.
އާދީއްތަ ދުވަހުގެ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގައި ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖްކްޓްތަކަށް އަލިއަޅުއްވާލައްފާފައެވެ.
ރައީސް ވިދާޅުވީ، މާލޭގެ އެންމެ ކާރޫބާރޫ ބޮޑު، މާލޭގެ މާރުކޭޓު ސަރަހައްދުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާނެކަމަށެވެ. މަގު ތަރައްގީކުރާނީ ދެކޮޅަށް ދުއްވޭ ސަރަޙައްދެއްގެ ގޮތުގައެވެ. މިހާރު ބާޒާރުމަތީގެ ބޮޑު ސަރަޙައްދަކީ އެއްކޮޅަށް ދުއްވޭ ސަރަހައްދެވެ.
“ބޭރުގެ އެހީގެ ޕްރޮޖެކްޓްތަކުގައި ނުހިމެނޭ މަގުތައް ސަރުކާރުން އެވަނީ ފަށާފައި. މާލޭގެ ބާޒާރު ސަރަޙައްދު ވަރަށް ތޮއްޖެގޭ. އެ ސަރަޙައްދުގެ މަގުތައް ފުޅާކޮށް ދެކޮޅަށް ދުއްވޭ ދެ ލޭނު އޮންނަގޮތަށް ފުޅާކުރުމުގެ މަސައްކަތް ބާރަށް އެބަ ހިނގާ. މިބަލަނީ ރޯގައިގެ ކުރިން ބަޒާރުމަތީގެ އެންމެ ބާރުބޮޑު ސަރަޙައްދު ނިންމާލަން. އެއީ އެމްޕީއެލް ސަރަޙައްދުން ފަށައިގެން އިއްޒުއްދީނު ފާލަމާ ހަމައަށް.” ރައީސް ވިދާޅުވިއެވެ.
މަގުހެދުމުގެ ފުރަތަމަ ފިޔަހީގެ ސެގްމަންޓް 1ގެ މަސައްކަތް ނިންމާ އިއްޔެ ހަވީރު ވަނީ އާއްމު ދަތުރުފަތުރުތަކަށް ހުޅުވާލާފައެވެ. ލޯކަލް މާރުކޭޓް ސަރަޙާއްދުން ފަށައިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ތަރައްގީކުރުމުގެ މަސައްކަތް ފުރަތަމަ ފިޔަވަހީގައި ހިމެނޭއިރު، އެ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓްގައި 140 މީޓަރުގެ ސަރަޙައްދުގައި ތާރު އަޅާ ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. މިއީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ.
އެމްޓީސީސީއާ ހަވާލުކޮށްފަވާ މުޅި މަޝްރޫޢު ނިމޭއިރު 1088 މީޓަރުގެ ސަރަޙައްދެއް ބޮޑުތަކުރުފާނު މަގުން ތަރައްގީކުއެވެ.
މަގުހެދުމުގެ މަސައްކަތް މަގު ބަންދުކުރާއިރު، ޓްރެފިކަށްވެސް ބޮޑެތި ބަދަލުތައް އަންނާނެއެވެ. އަދި އެ ސަރަޙައްދުގެ ބަނދަރު ބޭނުންކުރުމުގައިވެސް ބަދަލުތައް ގެންނާނެއެވެ. އެ ބަދަލުތައް ކަމާ ގުޅުންހުރި ފަރާތްތަކުން ހިއްސާކުރަމުންދާނެއެވެ.