ހަގީގީ މާނާގައި ކައުންސިލުތައް ހިންގުމަށް އެންމެ މުހިންމު އެއް ކަމަކީ އިންޓާނަލް އޮޑިޓް ރަނގަޅުކުރުންކަމުގައި މިނިސްޓާ އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީމިއަދު ފެށި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ކުރިއަށް ގެންދާ ލޯކަލް ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ކައުންސިލުތަކުން ކުރާ މަސައްކަތްތަކަކީ ހަރުދަނާ، މީހުން ބަލައިގަންނަ އަދި އިތުބާރުކުރާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި އިންޓާނަލް އޮޑިޓަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކައުންސިލުތަކުން ދޭ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިންޓާނަލް އޮޑިޓްގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް ފިޔަވަޅެއް އަޅަމުންދާއިރު ހެދިދާނެ ގޯހަކުން ސަލާމަތްވެ ރައްކާތެރިވުމަށް ޓަކައި ދުރާލާ ކުރަންޖެހޭ ކަންތައްތަކަށް މަގުފަހިކުރުމެވެ.
‘‘ހަގީގީ މާނާގައި ކައުންސިލްތަކަށް ވިޔަސް އަދި އެހެން މުއައްސަސާއެއް ކަމުގައި ވިޔަސް އޭގެ ޒާތުގައި އެންމެ ރަނގަޅަށް މުއައްސާސައެއް ހިނގަމުން ދާއިރު ބޭނުންވާނެ އެއް ނިޒާމަކީ އިންޓާނަލް އޮޑިޓް ރަނގަޅުވުން’ އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު އާދަމް ޝަރީފް ވަނީ، އެ ކޮންފަރެންސްގައި މާލިއްޔަތު ގާނޫނު ތަންފީޒުކުރަމުން ދާއިރު ކައުންސިލްތަކުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މަޝްވަރާކުރަން އެދިވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ ކޮންފަރެންސް ނިމިގެން ދާއިރު ލާމަރުކަޒީ ގާނޫނު އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.