މާލޭ ގެއެއްގެ ތެރޭގައި ދެ ލޯބިވެރިއެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައި، އެދެމީހުންނަށްވެސް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެެވެ.
ފުލުހުން ބުނީ، ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިއަދު 10:05 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
މިމާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މާރާމާރީގައި ދެމީހުންނަށްވެސް އަނިޔާވެފައިވާތީ ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެންއުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން އެނގިފައިވާކަމަށެވެ.