ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެެވެ.
މި ފަހުމުނާމާގައި ސޮއިކުރުމަށް އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު މުއީނެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޕީއެލް އާއި އެމްއެންޔޫ ގުޅިގެން “މޮޑާރން ޕޯޓް މެނޭޖްމަންޓް”ގެ ޑިގްރީ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ މޯލްޑިވްސް ކޮލިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެކްރެޑިޝޭނާއެކު، ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ހިންގާ ފުރަތަމަ ޑިގްރީ ޕްރޮގްރާމެވެ.
އެމްޕީއެލް ޕޯޓް ޓްރެއިނިން ސެންޓަރ އިން މިހާރުވެސް ދަނީ އެމްޕީއެލްގެ މުވައްޒަފުންނަށް ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓް ލެވެލްގެ ބައެއް ކޯސްތައް ހިންގަމުންނެވެ. މީގެ އިތުުރުން މުވައްޒަފުންނަށް ތައުލިމާއި ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.