ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގ އަށް ބޮޑު ބަދަލެއް ގެނެސް، އާންމުން އަމިއްލައަށް ކުރަންޖެހޭ ޚަރަދު ނުވަތަ އިކުއިޓީގެ ނިސްބަތް ބޮޑުތަނުން ކުޑަކޮށްފިއެވެ.
ބޭންކުން ހާމަކުރި ގޮތުގައި، މި ފައިނޭންސިންގގެ ދަށުން ކުރިން ނަގަމުން އައި %20 ގެ އިކުއިޓީ މިހާރު ވަނީ %5 އަށް ދަށްކޮށްފައެވެ. މި ބަދަލާއެކު، ގެދޮރު އިމާރާތްކުރުމަށް ބޭންކުން އެހީތެރިކަން ހޯދާ ފަރާތްތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ބީއެމްއެލް އިން ބުނީ މި ލުއި ދިނުމަށް ނިންމާފައިވަނީ 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ އަމިއްލަ ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކަށެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ފަސޭހަކަމާއެކު ގެދޮރު ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭންކުން އެޅި މުހިންމު ފިޔަވަޅެކެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިންގ އާންމުންނަށް ލިބުމުގައި ހުރި ހުރަސްތައް ނައްތާލައި، އަމިއްލަ ބޯހިޔާވަހިކަން ގާއިމުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރަށް ފުޅާކުރުމެވެ. މީގެ ސަބަބުން، ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ދެއްކުމުގެ ދަތިކަން ހުރި ފަރާތްތަކަށްވެސް މިހާރު ފަސޭހަކަމާއެކު ލޯނަށް އެދުމުގެ މަގު ހުޅުވިގެންދާނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކަށް ވާއިރު، ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސާދީ ދުޅަހެޔޮކަމަށް އަމާޒުކޮށް މިފަދަ އެތައް ލުއިތަކެއް ބޭންކުން ދަނީ ތައާރަފުކުރަމުންނެވެ.