ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށް 2،200 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީއާ ހަވާލުވެއްޖެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ، މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ގުޅީފަޅުން ގޯތިލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 6 ވަނަ ދުވަހާ ހަމައަށް ދީފައެވެ.
ގުޅީފަޅުން 3548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ އިއްޔެއާ ހަމައަށް 2241 މީހަކާ ރަޖިސްޓްރީ ހަވާލުކޮށްފައިވާކަމަށެވެ. ރަޖިސްޓްރީތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
އަދި އޭގެ ސަބަބުން ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ބަދަލުވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ގޯތި ލިބިފައިވާ ފަރާތްތަކުން ރަޖިސްޓްރީއާ ހަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަން ޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަން ޖެހެއެވެ.