ރާއްޖޭގެ ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ގ. ބަރޯސާ، މޫސާ އަންވަރަށް އަރުވައިފި އެވެ.
މޫސާ އަންވަރަށް މި އިއްޒަތް އަރުވާފައިވަނީ، ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މޫސާ އަންވަރު، ރާއްޖޭގެ ސިއްހީ ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވެ އެވެ. އޭގެތެރެއިން 30 އަހަރަށްވުރެ ގިނަ ދުވަސް، ހޭދަކުރެއްވީ ދައުލަތުގެ ހިދުމަތުގަ އެވެ. މޫސާ އަންވަރު، ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވީ، 23 ޖުލައި 2009 ގައެވެ.
އައްޑުއަތޮޅު މީދުއަށް އުފަން މޫސާ އަންވަރު ސިއްހީ ދާއިރާއާ ގުޅިވަޑައިގެންނެވީ، އައްޑުއަތޮޅު ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު، ގަމުގައި ހުރި ރީޖަނަލް މެޑިކަލް ސެންޓަރުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުންނެވެ. އެ ވަޒީފާގައި ހުންނަވައިގެން ދާއިރާއިން ލިބެންހުރި ތަމްރީންތައް މޫސާ އަންވަރު ހޯއްދަވަން ފެއްޓެވިއެވެ. އަދި އެއަށްފަހު، ދަތުގެ ފަރުވާއިން ފެށިގެން އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތްތައްވެސް މޫސާ އަންވަރު ކުރެއްވިއެވެ. ގަމުގެ ރީޖަނަލް މެޑިކަލް ސެންޓަރުގައި ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އޭއާރްއޭއެފް އިން ދިން އޭއޯސީގެ ކޮމެންޑޭޝަން 1975 ވަނަ އަހަރު މޫސާ އަންވަރަށް ލިބިވަޑައިގެންފައިވެ އެވެ.
މޫސާ އަންވަރުގެ އެންމެ އަގުހުރި އެއް މަސައްކަތަކީ، ތެލެސީމިއާ ފަރުވާގެ ހިދުމަތް ރަނގަޅުކުރުމަށާއި، ތެލެސީމިއާ އާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގެވި މަސައްކަތްތަކުގައި އަދާކުރެއްވި ދައުރެވެ. އެގޮތުން ނޭޝަނަލް ތެލެސީމިއާ ސެންޓަރުގެ ޅަފަތުގައި، އެ ސެންޓަރަށް ކުރެއްވި ހިދުމަތްތައް ފާހަގަކުރެވެއެވެ.
ކ. ގުރައިދޫގައި ހުންނަ، ހާއްސ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ބޭނުންވާ ފަންނީ އެހީތެރިކަންވެސް މޫސާ އަންވަރު ފޯރުކޮށްދެއްވައިފައިވެ އެވެ. ސެންޓްރަލް ހޮސްޕިޓަލްގެ ޚިދުމަތްތައް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަރުޙަލާގައިވެސް، ފަންނީ މުއައްޒަފުން ހޯދުމުގެ މަސައްކަތްވެސް މޫސާ އަންވަރު ކުރައްވާފައިވެއެވެ. މޫސާ އަންވަރު އެންމެފަހުން ހިދުމަތް ކުރެއްވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައެވެ. އެ އޮތޯރިޓީ ގާއިމުކުރައްވައި، އެ އޮތޯރިޓީގެ މަސައްކަތްތައް ފުޅާކުރެއްވުމުގައިވެސް، މޫސާ އަންވަރު އިސް ދައުރެއް އަދާކުރެއްވިއެވެ.