ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނަވަނިކޮށް، އެ މަގާމުން ވަކިކުރި މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަ ކުރުމާއެކު، އޭނަ އޮފީހަށް ނުކުންނަވަން ފައްޓަވައިފި އެވެ.
މަހްމޫދު ރިޔާޒު އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެެވެ. އޭނާ މަގާމުން ވަކިކުރީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރި ސިނގިރޭޓް ކާޓޫންތަކެއް ގަވާއިދާއި ހިލާފަށް އެތެރެކުރި މައްސަލައަކާއި، ސިނގިރޭޓް ކާޓުންތަކެއް ބޮންޑެޑްވެއާ ހައުސްއިން ގަވާއިދާއި ހިލާފަށް ބޭރުކުރި މައްސަލައަކާއި ގުޅިގެންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ ތަހުގީގަކާ ގުޅިގެން މަގާމުން ވަކިކުރި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒްގެ މައްސަލަ، އެ ކޮމިޓީން އިތުރަށް ތަހުގީގު ކުރެއްވުމަށްފަހު އެ މައްސަލައިގައި މަހްމޫދު ރިޔާޒްގެ ބައިވެރިވުމެއް ނެތްކަމަށް ނިންމާފައިވާކަމަށެވެ. އަދި، ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސްއަށް ލަފާ އަރުވާފައިވާތީ، މަހްމޫދުގެ ވަޒީފާ އިއާދަކޮށްދީފައިވާކަމަށް ވިދާޅުވި އެވެ.
އެއާއެކު އޭނަ ވަނީ މިއަދު އޮފީހަށް ނުކުންނަވާފަ އެވެ.