މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި އެކްސްކެވޭޓަރު އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަން އިނީ ލައިސެންސް ނެތް މީހެއްކަމަށް އެމްޕީއެލްއިން ބުނެފި އެވެ.
މި މަހުގެ ދެވަނަ ދުވަހު ލޭންޑިންގ ކްރާފްޓަކަށް ދެ އެކްސްކަވޭޓަރު ބަރުކުރުމުގެ ތެރޭގައި، ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ވަނީ ނިޔާވެފަ އެވެ. މި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ވަނީ އެތެރޭގެ ތަހުގީގެއް ފަށާފަ އެވެ.
އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތަހުގީގުގެ ތެރެއިންް ހާދިސާ ހިނގި ގޮތާއި، މިހާތަނަށް ފާހަގަކުރެވުނު މައްސަލަތަކާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިއުމަށް، މި ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކުރެވިފައިވާކަމަށެވެ.
އެމްޕީއެލްއިން ފާހަގަކޮށްފައިވާ މުހިންމު ކަންކަން:
- 02 އެކްސްކެވޭޓަރ އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަން. ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަން.
- ލޭންޑިންގ ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަން. އަދި އެއީ ލޭންޑިންގ ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަން.
- މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިންގ ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިންގ ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބުކަން.
ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ. އެމްޕީއެލްގެ މުވައްޒަފުން އެ އުޅަނދުގައި އެ ވަގުތު ތިބީ، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިންގ ކްރާފްޓް ގިރާކޮށްފައި ކަމުގައިވުމުންކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
އެމްޕީއެލްއިން ބުނީ، ލޭންޑިންގ ކްރާފްޓަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް އެންފުނިން ފުރިހަމަކޮށް، ނިންމާފައިވަނީ މިފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. މިފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި ކޮންސައިނީ (މުދާ ގެންނަ ފަރާތުން) މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިން ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކްކުރުން ފަދަ ކަންތައްތަކަކީ، އުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ނޫންކަމަށް އެމްޕީއެލްއިން ބުނެއެވެ. އެހެން ނަމަވެސް މި އުސޫލު މުރާޖާކޮށް، މިހާރު ބަދަލުކުރެވިފައިވާކަމަށް ބުންޏެވެ.