އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފެސިލިޓީތައް ބީއެމްއެލް މޯބައިލް އެޕްލިކޭޝަންއާއި ގުޅުވާލައި އެސްޑީއެފްސީގެ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފިއެވެ.
މަރުޙަލާތަކަކަށް ބަހާލައިގެން ފަށާފައިވާ މި އިންޓަގްރޭޝަނާއިއެކު، އެސްޑީއެފްސީގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ފެސިލިޓީގެ މައުލޫމާތު ފަސޭހައިން ބެލުމާއި، ބީއެމްއެލް އެޕްގައި ހިމެނޭ ބިލްޕޭ ފީޗަރ މެދުވެރިކޮށް ފެސިލިޓީއަށް ފައިސާ ދެއްކުމުގެ ހިދުމަތް މިހާރު ލިބޭނެ އެވެ. މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ފަސޭހަ އަދި ރައްކާތެރިގޮތެއްގައި މާލީ މުއާމަލާތް ކުރުމުގެ މަގު ތަނަވަސްވެގެންދާނެ އެވެ.
މި ހިދުމަތް ހޯދުމަށް، ބީއެމްއެލް މޮބައިލް އެޕްލިކޭޝަންގައި ބޭނުންކުރާ އަމިއްލަ އެކައުންޓް މެދުވެރިކޮށް އެޕަށް ލޮގިންވެ، އެކައުންޓް ޓެބުގެ ދަށުން ފެސިލިޓީގެ ތަފުސީލު، ބާކީ ހުރި އަދަދު، އަދި މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިމެނޭހެން މުހިންމު މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެއެއެވެ.
މި އިންޓަގްރޭޝަންއާއި ގުޅޭގޮތުން، އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އިންޓަގްރޭޝަނަކީ އެސްއެމްއީތަކަށް ފޯރުކޮށްދޭ އެންމެހައި ހިދްމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.
“އަޅުގަނޑުމެންގެ ފެސިލިޓީތައް ބީއެމްއެލް މޮބައިލް އެޕްލިކޭޝަނާއި ގުޅުވާލުމުން ކަސްޓަމަރުންނަށް ހިދުމަތް ލިބިގަތުން ފަސޭހަވެގެންދާނެ، މިގޮތުން ކުރިން ފެސިލިޓީތަކަށް ފައިސާ ދެއްކުމަށް ކުރަމުންއައި މެނުއަލް ބޭންކް ޓްރާންސްފަރތައް މަދުކުރެވި، ރިއަލް-ޓައިމްކޮށް ޕޭމަންޓް ތަކުގެ އަޕްޑޭޓް ލިބި، ހިދްމަތްތައް އަވަސް ވެގެންދާނެ” ބަދުރުއްދީން ވިދާޅުވި އެެވެ.