އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުގައި ސިއްހީ ދާއިރާއަށް 8.8 ބިލިއަން ރުފިޔާ އަދި ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާ ހާއްސަކޮށްފި އެވެ. ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ އަދި ތައުލީމީ ދާއިރާއަށެވެ.
2026 ގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް ވަށާޖެހޭ ތަރައްގީއެއް ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައި ވެއެވެ.
އެގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުގައި ސިއްހީ ދާއިރާގެ އެކި ކަންކަމަށް، 8.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. މީގެތެރޭގައި ބޭސްފަރުވާގެ އެހީއާއި، ސިއްހީ އާލާތްތައް ހޯދުމަށްޓަކައި 1.15 ބިލިޔަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި އެދާއިރާއިން އެކިއެކި ދިރާސާތައް ކުރުމަށް 15 މިލިޔަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.
ޕީއެސްއައިޕީގެ ތެރެއިންވެސް ސިއްހީ ދާއިރާގެ ތަރައްގީއަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު، އެ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 917 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހޮސްޕިޓަލްތައް ތަރައްގީކުރުމަށް 430 މިލިއަން، ސިއްޙީ މަރުކަޒުތައް ތަރައްގީކުރުމަށް 232 މިލިޔަން އަދި ދުޅަހެޔޮކަމާއި ރިހިބިލިޓޭޝަނަށް 102 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ބޮޑު އިންސައްތައެއް ކަނޑައަޅާފައިވާއިރު، ބަޖެޓުގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ތައުލީމީ ދާއިރާއަށެވެ. އެގޮތުން އެދާއިރާއަށް 5.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ ޕްރީ ސްކޫލް އަދި ފަށާ ތައުލީމަށް 1.9 ބިލިޔަން ރުފިޔާ އަދި ސާނަވީ ތައުލީމަށް 1.2 ބިލިޔަން ރުފިޔާ އެވެ. މީގެއިތުރުން މަތީ ސާނަވީ ފެންވަރަށްފަހު ދެވޭ ތައުލީމަށް 218.1 މިލިޔަން ރުފިޔާ ހާއްސަކޮށްފައިވާއިރު، މަތީ ތައުލީމަށް 831.7 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ތައުލީމީ ދާއިރައެގެ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީން 779 މިލިޔަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސްކޫލް އިމާރާތްކުރުމާއި އަޕްގްރޭޑްގެ މަސައްކަތްތަކަށް 598.5 މިލިޔަން ރުފިޔާ، މަތީ ތައުލީމްގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް 124.2 މިލިޔަން ރުފިޔާ ވަނީ ކަނޑައާޅަފައެވެ. އޭގެ ތެރޭގައި ރިސާޗް އިންސްޓިޓިއުތްތަކާއި ލައިބްރަރީތަކަށް 7 މިލިޔަން ރުފިޔާ އަދި ކޮލްޖްތަކާއި ޔުނިވަރސިޓީތަކަށް ހާއްސަކޮށްގެން 116.8 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައި ވެއެވެ.