ސްކޫލްތަކުން ވޭޕް ސްޓިކް މިހާރު ނުފެނެއޭ ބުނެވޭ ވަރަށް އެ އެއްޗެހި މަދުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އިއްޔެ އިން ފެށިގެން ތަންފީޒުކުރަން ފަށާފައިވާ 2007 އިން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާނެ ހުރިހާ ދިވެހިންނަށް ދުންފަތް މަނާވާ “ޖެނެރޭޝަނަލް ބޭން”ގެ ހާއްސަ ޓީވީ ކަވަރޭޖަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލްތަކުން އެކަނިވެސް ދުވާލަކު 50-60 ވޭޕް ސްޓިކް ފެންނަ ކަމަށެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވެސް މިދިޔަ އަހަރުން ފެށިގެން މަނާކޮށްފައިވާއިރު، މިނިސްޓަރު ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ވޭޕް މަނާކުރުމަކީ ދަރިވަރުންގެ ހެވާއި ލާބަޔަށްޓަކާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށާއި “ޖެނެރޭޝަނަލް ބޭން”އަކީ ވެސް އެއާ ގުޅިގެން އައި ނިންމުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ޝަފީއު ވިދާޅުވީ ދުންފަތާ ގުޅުންހުރި އެކި ބަލިތަކުގައި ކޮންމެ އަހަރަކު 150 އެއްހާ ދިވެހިން ކޮންމެ އަހަރަކު މަރުވާކަން ތަފާސްހިސާބުތަކުން އެނގެން އެބަހުރި ކަމަށާއި، ދުންފަތް ރާއްޖެއަށް އިމްޕޯޓްކުރުމަށް އަހަރަކު 1.8 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެއިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ “ޖެނެރޭޝަނަލް ބޭން”އަށް އިއްޔެ އިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލާ އެކު 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ވެސް މަނާވާނެ އެވެ.
އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް 18 އަހަރުން 21 އަހަރަށް ވަނީ މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ވެސް ވަނީ އިސްލާހުގައި ބުނެފައިވެއެވެ.