ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލައި، އެކަމާ ބެހޭ މެނޭޖްމަންޓް ޕްލޭން ތަންފީޒުކުރުމަށް އެކުލަވައިފައިވާ ގަވާއިދު އާންމުކޮށްފި އެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ މި މެނޭޖްމަންޓް ޕްލޭން އަދި ގަވާއިދުގެ އެންމެ ބޮޑު މަގުސަދަކީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި، ހިންގުމުގެ ނިޒާމެއް ގާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ކަށިމިޔަރުގެ މަސްވެރިކަން ބެލެހެއްޓުމެވެ.
ކަށިމިޔަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވައިލައިފައިވަނީ ކަށިމިޔަރުގެ މަސްވެރިކަމާއި އެ މަސްވެރިކަމާ ގުޅުންހުރި ވަސީލަތްތަކާ ގުޅޭގޮތުން މިވަގުތު ލިބެން ހުރި މައުލޫމާތަށް ބިނާކޮށެވެ. އެގޮތުން، ފާއިތުވި ތަނުގައި ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރި އިރު ލިބިފައި ހުރި ތަޖުރިބާއަށާއި ކަމާގުޅޭގޮތުން ޝާއިއުކޮށްފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށްފައި ވެއެވެ. އަދި ހަތަރު ރަށެއްގެ މަސްވެރިންނާއި، ކަމާ ގުޅޭ އިދާރާތަކާއި، ބައެއް ޖަމުއިއްޔާތަކާއި ކަމާ ބެހޭ މާހިރުންނާ މިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި ކުރާ ކަށިމިޔަރުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ، ރޭވިގެން، ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން މާއްދާތަކެއް ގަވާއިދުގައި ހިމަނައިފައިވެއެވެ. އެގޮތުން މި މަސްވެރިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ލައިސަންސްކުރުމުގެ އިތުރުން، އުޅަނދުގައި ކުރެވޭ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސަލް ލޮކޭޓިންގ ޑިވައިސް އެއް ހަރުކުރަންޖެހޭނެ ކަމަށް ކަނޑައަޅައިފައި ވެއެވެ.
މަސްވެރިކަމުގެ ލައިސަންސް އެންމެ ގިނައިން ދޫކުރެވޭނީ 40 އުޅަނދަށް ކަމަށާއި މަސްވެރިކަން ކުރެވޭނީ އަތޮޅު ދުނިން ބޭރުގެ ސަރަޙައްދުތަކުގައި ކަމަށްވެސް ގަވާއިދުގައި ކަނޑައަޅާފައިވާނެއެވެ. އަދި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އެހެން ގޮތަކަށް އަންގަންދެން ކަށިމިޔަރުގެ ހަތްމަސް ދުވަހުގެ މޫސުން ކަމަށް ކަނޑައަޅާފައިވާނީ ކޮންމެ މީލާދީ އަހަރެއްގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމުގައި އަންގާފައި ވެއެވެ.
މީގެ އިތުރުން، ފަރުތަކާއި ފަޅުތެރޭގައި އާންމުކޮށް އުޅޭ މިޔަރާއި ފަރުގެ އުފެއްދުންތެރިކަމުގައި މުހިހިއްމު ދައުރެއް އަދާ ކުރާ އެހެނިހެން ބާވަތްތައް މި މަސްވެރިކަމުގައި ހިފޭ މިންވަރު މަދުކޮށް އެބާވަތްތަކަށް ލިބިދާނެ ގެއްލުން ވީހާވެސް ކުޑަކުރުމަށްޓަކައި ވެސް ފިޔަވަޅުތައް ގަވާއިދުގައި ކަނޑައަޅާފައި ވއެވެ.