‘ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ’ ގާނޫނީގޮތުން ތަންފީޒުކުރަން ފެށުމަކީ ސިއްހަތު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން މިއަދު ފަށާފައިވާއިރު، މިއަދުންް ފެށިގެން، 2007 ވަނަ އަނަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް ބޭނުންކުރުަން މަނާވާނެ އެވެ.
މިކަމާއި ގުޅިގެން މެޑަމް ސާޖިދާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިއްހީ ދުޅަހެޔޮކަމަށް ވަކާލާތުކުރާ މީހެއްގެ ހައިސިއްޔަތުން، ސަރުކާރުގެ މި ނިންމުމަށް މަރުހަބާކިޔާކަމަށެވެ. މިއީ ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށް، ސިއްހަތު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ވަރަށް މުހިންމު ފެށުމެއްކަމުގައި އެކަމަނާ ވިދާޅުވި އެވެ.
މިއަދުން ފެށިގެން، 1 ޖަނަވަރީ 2007 ގައި އުފަންވެފައިވާ ނުވަތަ އެ ތާރީހުގެ ފަހުން އުފަންވާ އެއްވެސް ކުއްޖެއް ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުމަކީ ގާނޫނީގޮތުން މަނާކަމެކެވެ. އަދި ދުންފަތުގެ ބާވަތެއް ވިއްކުމުގެ ކުރިން އެ ފަރާތަކީ ގާނޫނު ހުއްދަކުރާ އުމުރު ހަމަވެފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް ރަސްމީ ލިއުމެއް ބަލާ ޗެކްކޮށް، އުމުރު ކަށަވަރުކުރުން، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަށް ގާނޫނުން ލާޒިމުކުރެ އެވެ.
ޖެނެރޭޝަނަލް ބޭން އިން މަނާވާ ބާވަތްތަކުގެ ތެރޭގައި، އެއްވެސް އިސްތިސްނާއެއްނެތި، ދުންފަތުގެ ހުރިހާ ބާވަތެއް ހިމެނެ އެވެ. މީގެ އިތުރުން، ވަކި އުމުރަކަށް އަދި ވަކި ބާވަތަކަށް ތަފާތު ނުވާނެހެން، އީ-ސިގިރޭޓާއި ވޭޕް ރާއްޖޭގައި އުފެއްދުމާއި، ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުމާއި ރާއްޖޭގައި ބޭނުންކުރުމާއި ގެންގުޅުންވެސް ވަނީ ގާނޫނީގޮތުން މަނާކޮށްފަ އެވެ.