ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ޕޮންޒީ ސްކީމްގެ ތެރެއިން ގެއްލުން ލިބުނު މީހުންނަށް ބަދަލުދިނުމުން ދައުވާނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ.
މި މައްސަލާގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރީ އަލްހާންގެ އިތުރުން އޭނަގެ ދެ ކޮއްކޮ، ސަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ މައްޗަށެވެ.
ޕީޖީ އޮފީހުން ބުނީ، އެ ތިން މީހުންގެ ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ދަޢުއުވާލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 ފަރާތަށް ބަދަލުދީ ހަލާސްކޮށްފައިވާކަމަށް ބަޔާންކޮށް، ދައުވާތައް މުރާޖައާކޮށްދިނުމަށް ދައުވާލިބޭ ފަރާތްތަކުން އެއޮފީހުގައި އެދިފައިވާކަމަށެވެ. އެކަމާ ގުޅިގެން ފުލުހުން މެދުވެރިކޮށް މައލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލު ލިބޭންޖެހޭ މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުވެފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވާކަމަށްވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.
“މިއާއެކު، މި މައްސަލާގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް، ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީއާއި، މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވުމުން، މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ދަޢުވާތައް (ޓެކުމުގެ ކުށުގެ 13 ދަޢުވާ) އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ، އެ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވާނީ ނިންމާފައެވެ.” ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
މި މައްސަލާގައި ބަދަލުލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ތަހުގީގުކުރަމުންކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި އެއޮފީހަށް ހުށަހެޅުމުން، އެ ބައިތަކުގައި ދައުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށްވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން، މި މައްސަލާގައި ބަދަލުލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި ކުރިޔަށްގެންދާކަމަށް ޕީޖީން ބުންޏެވެ.