އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ ވަގުފް މަޝްރޫއުއަށް އިންވެސްޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ބީއެމްއެލްއިން ރިއަލް އެސްޓޭޓް ފައިނޭންސިން ހަމަޖެއްސުމަށް ނިންމާފައިވަނީ، ދާރުއްސަލާމް އަދި ދާރުލް އަރްގަމް މަޝްރޫއުއަށެވެ. މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މި އެއްބަސްވުމަކީ ކުރިމަގަށް ހުޅުވިގެންދިޔަ ވަރަށް މުހިއްމު ސަފްހާއެއްކަމަށެވެ. މިއި ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ވަގުފްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވަގުފް މަޝްރޫއުތަކަށް އިސްލާމީ އުސޫލުގެ ދަށުން ފައިނޭންސިން ހަމަޖެހި މަސައްކަތް ކުރިއަށް ގެންދިއުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި އުއްމީދަކީ އަދި އަމާޒަކީ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވަގުފް މަޝްރޫޢުއުތައް ނިމި އެކަމުގެ ނަފާ މުޅި ރާއްޖެއަށް ލިބިގެން ދިއުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ގައުމުގެ ތަރައްގީއާއި އިޖުތިމާއީ ކުރިއެރުމަށް ރައްޔިތުންނަށް ފައިދާވާ މަޝްރޫއުތަކުގައި ގައުމީ ބޭންކުގެ ހައިސިއްޔަތުން ބޭންކުން ބައިވެރިވެ އެހީތެރިކަން ދިނުމަކީ ބޭންކުގެ އަމާޒެއްކަމަށެވެ. މި އެެއްބަސްވުމަކީ އިސްލާމީ ފައިނޭންސްގެ ދާއިރާއިން އެ ބޭންކު ކުރިއަށް ދިއުމަށް ކަޑައްތު ކުރެވުނު މުހިއްމު ހަރުފަތެއްކަމަށް ވިދާޅުވި އެވެ.
ސަރުކާރުން އިސްލާމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫއުގެ ތެރެއިން މާލޭގައި ބިނާ ކުރާ ދާރުލް އަރްގަމް މަޝްރޫއު އާރުސީސީއާއި ހަވާލުކޮށް މި ހަފްތާގެ ތެރޭގައި ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.