ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓް ‘ސްވައިޕް’ މިއަދު ތައާރަފްކޮށްފި އެވެ.
މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު، އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ. ސްވައިޕްއަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ 100 އިންސައްތަ ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއްކަމަށް ބޭންކުން ބުނެ އެވެ.
ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން، ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެއެވެ. ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނޭގެނެއެވެ. ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ.
އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ، ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕަކީ، ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށްވެސް ސްވައިޕް އެހީތެރިވެދޭނެއެވެ. ސްވައިޕަކީ ފަތުރުވެރިންނަށްވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ފަސޭހަ ވޮލެޓަކަށް ވާނެކަމަށް ބޭންކުން ބުނެ އެވެ.
ސްވައިޕް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަހަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ސްވައިޕަކީ ޑިޖިޓަލްކޮށް ކުރާ ފައިސާގެ މުއާމަލާތަށާއި މާލީ ދާއިރާގައި ރާއްޖެއަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށެވެ.
“މިއީ ރާއްޖެއާއި ބޭރަށް ފަސޭހަ، ރައްކާތެރި އަދި އަވަސް މާލީ ހިދުމަތެއް ފޯރުކޮށްދިނުމަށް ދިވެހީން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ވޮލެޓެއް. މު މުހިންމު ހެޔޮ ބަދަލު ގެނެސްދިނުމުގައި ބޭންކުން އިސްކޮށް ހަރަކާތްތެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ޒަމާނީ، އީޖާދީ ހައްލުތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނަން.” ޝަރީފް ވިދާޅުވި އެވެ.
މި އަހަރުގެ ޑިސެންބަރު މަހު ސްވައިޕް ބީޓާ ޓެސްޓިންގ އަށް ހުޅުވާލާނެކަމަށް ބީއެމްއެލްއިން ބުނެ އެވެ.