ގަވައިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރަން އެހީތެރިވި މައްސަލައާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، އެ ދެމީހުން ވަކިކޮށްފައިވަނީ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓްތަކެއް ކަސްޓަމްސްއަށް ނޭނގި ނެރެފައިވާ މައްސަލައާ ގުޅިގެންކަމަށެވެ.
މި މައްސަލަތަކާއި ގުޅިގެން ވަކިކުރުމަށް ނިންމާފައިވަނީ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަގާމުގައި ތިއްބެވި 2 ބޭފުޅެކެވެ. އެއީ އަބްދު الله ވަހީދު އަދި މަހުމޫދު ރިޔާޒެވެ. މީގެއިތުރުން، މި މައްސަލަތަކާއި ގުޅިގެން ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކަށް ފިޔަވަޅު އެޅުމަށްވެސް ރައީސް ވަނީ އަންގަވާފަ އެވެ.
ރައީސް ވިދާޅުވީ، މި މައްސަލާގައި ފިޔަވަޅު އަޅަން ނިންމަވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު އެމަނިކުފާނަށް ފޮނުއްވި ސިޓީގައިވާ ކަންކަމަށް ރިއާޔަތްކުރުމަށް ފަހުގައިކަމަށެވެ.
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ރިޕޯޓުގައި ހަތަރު އިދާރާއަކަށް ކަންކަން އިސްލާހުކުރުމަށް އެންގުންތައް އަން
ގާފައިވެއެވެ. އެ އިދާރާތަކަކީ ކަސްޓަމްސްގެ އިތުރުން ހޯމް މިނިސްޓްރީއާ ޓްރާންސްޕޯޓް މިނިސްޓްރީ އެވެ. މި ރިޕޯޓްގައި ކަސްޓަމްސްއަށް އަންގާފައިވާ އެންގުންތަކުގެ ތެރޭގައި ކަސްޓަމްސްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ގާއިމުކޮށް، އެ މަސައްކަތްކުރަން ރޭވިފައިވާ ގޮތަށް މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ ތާރީހު 241 ކޮމިޓީއަށް އެންގުމަށް އަންގާފައިވެއެވެ.