ޅ. ނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ނައިފަރުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ޕްލޭނިން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
މި މަސައްކަތުގެ ދަށުން 44.8 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރާނެ އެވެ. އަދި ހިއްކި ބިން ހިމާޔަތްކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެން ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެން ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ.
679 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަސައްކަތަކީ އެއް އަހަރާ 9 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.