ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ކުރެންދޫއަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނާއި އެއް ގިންތިއަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންވެސް ގިންތިކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ގްރޭޑު، ހަތަރަކުން ތިނަކަށް ގެންދިއުމަށް ކުރިން ވާހަކަދެކެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ނޮވެމްބަރު އެކެއްގައި ސިވިލް ސާވިސްގެ ޕޭ ހާމަނައިޒްކޮށް، އެ މީހުންނާ އެއް ގިންތިއަކަށް މަތިކޮށް، ހަތަރަކުން އެކަކަށް ކައުންސިލް މުވައްޒަފުން ގިންތިކޮށް، އެ މީހުންގެ ޕޭ ހާމައިޒްކޮށްދެއްވާނެ ކަމަށެވެ.
ކުރެންދޫއަށް ބޭނުންވެފައިވާ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ އެ ރަށުގެ ބަނދަރު ތަރައްގީކުރާ އިރު ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުވާގޮތަށް މަސައްކަތް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން ރޭންޕަކާއި އެއްގަމު ތޮށީގެ މަސައްކަތްތައް ކީވޯލް ޖަހައި، ތޮށިގަނޑަށް ބަދަލުތަކެއް ގެނައުމާއި ނެރުފައިކަށްޓައް ވެސް މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.