އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އިއްޔެ ނެގި ވޯޓާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ގެންގުޅުއްވި ހިޔާލަކީ، ފޭދޫ ދަރިއެއްގެ މިނިވަން އަމިއްލަ ހިޔާލުކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އިއްޔެ ނެގި އާންމު ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދާފައިވަނީ، އައްޑޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، ހުޅުދޫ އާއި މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށެވެ.
މި ވޯޓުގެ ނަތީޖާތައް ދައްކާގޮތުން، ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ، ސިޓީ ކައުންސިލުން ވަކިވެ، އެ ދެރަށް ވަކި ދެ ކައުންސިލެކެވެ. ފޭދޫން ބޭނުން ވަނީ މިހާރު އޮތް ގޮތަށް ސިޓީ ކައުންސިލާއެކު އޮތުމަށެވެ.
ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކުރިން، ގިނަ ބަޔަކު ވަނީ ސަރުކާރުން މި ވޯޓުގައި ވަކި ގޮތެއް ބޭނުންވާކަމަށްބުނެ ސަރުކާރަށް ފާޑުކިޔާފަ އެވެ. އެގޮތުން ސަރުކާރުން ބޭނުންވަނީ ފޭދޫ، ސިޓީ ކައުންސިލުން ވަކި ކުރުމަށްކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އަދި ވޯޓުލުން ކުރިޔަށްދިޔައިރު މިނިސްޓަރު އިހުސާން ވޯޓުލާ މަރުކަޒުގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމުކޮށް، އޭނަ ބޭނުންވަނީ، ފޭދޫ، ސިޓީން ވަކިކުރަންކަމަށް ބުނެ މީހުން ޕޯސްޓްތައް ކުރި އެވެ.
އެކަމާއި ގުޅިގެން މިނިސްޓަރު އިހުސާން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ސިޓީ ކައުންސިލުން ފޭދޫ ވަކި ނުވާން އެރަށުގެ 74 އިންސައްތަ ރައްޔިތުން ނިންމި ނިންމުމަށް ފުރިހަމައަށް އިހުތިރާމްކުރާކަމަށެވެ.
އިހުސާން ވިދާޅުވީ، އުމުރުން 16 އަހަރު ވަންދެން ފޭދޫގައި ދިރިއުޅެ އަދި އޭގެ ފަހުން ކޮންމެ އަހަރަކުވެސް އެތަކެއް ފަހަރު ފޭދުއަށް ގޮސްއުޅޭ މީހެއްގެ ހައިސިއްޔަތުން، އެރަށުގެ ތަރައްގީއަށް އެންމެ ރަނގަޅު ގޮތްތައް އަބަދުވެސް ވިސްނަވާކަމަށެވެ. އެގޮތުން ރަށްތައް އެއްކޮށްގެން މަރުކަޒުކުރެވިގެން އިދާރީ ހިންގުމުގެ އިންތިޒާމު އޮތުމަކީ ފޭދޫގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމެއްކަމަށް އަބަދުވެސް ދެކޭކަމަށް އިހުސާން ވިދާޅުވި އެވެ.
އެހެންކަމުން އިއްޔެ ބޭއްވި ރެފަރެންޑަމްއަކީ ފޭދޫގެ ކުރިމަގާއި ބެހޭ ދާއިމީ ނިންމުމެއް ނިންމާ ރެފަރެންޑަމްއެއްކަމުން ފަރުދީ ހައިސިއްޔަތުން ވަކާލާތުކޮށް ފޭދޫގެ ރައްޔިތުންނާއި އޭނަގެ އަމިއްލަ މިނިވަން ހިޔާލު ހިއްސާކޮށްފައިވާނެކަމަށް އިހުސާން ވިދާޅުވި އެވެ. އެއީ މިނިވަން ޑިމޮކްރެޓިކް ނިޒާމެއްގައި ކޮންމެ މީހަކަށްވެސް ލިބިދޭ ހައްގަކަށްވާތީ، އެ ހައްގު ފުރިހަމައަށް ބޭނުންކޮށްފައިވާނެކަމަށްވެސް ވިދާޅުވި އެވެ. އަދި އެއީ ސަރުކާރުގެ ނިންމުމެއް ނޫންކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުގެ ހިޔާލަކީ މިވަގުތު އަޅުގަނޑު އަދާކުރަމުންދާ ދިވެހި ސަރުކާރުގެ މަގާމުގެ ހައިސިއްޔަތުން ނުވަތަ އަޅުގަނޑު ނިސްބަވްތާ ސިޔާސީ ޕާޓީ ރަމްޒުކޮށްދޭ ނުވަތަ އެ ޝަހްސުތަކުގެ ވިސްނުމާއި ފިކުރެއް އަދި ނިންމުމެއްވެސް ނޫނެވެ. ފޭދޫގެ ދަރިއެއްގެ މިނިވަން އަމިއްލަ ހިޔާލެވެ.” އިހުސާންގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެކި ވަގާމުތަކުގައި ތިބި ފޭދޫއަށް ނިސްބަތްވާ ފަރާތްތަކާއި ޕީއެންސީގެ އެހެނިހެން މެމްބަރުންވެސް ފަރުދީ ހައިސިއްޔަތުން އަމިއްލަ މިނިވަން ހިޔާލު، މިކަމުގައި އެކި ގޮތްގޮތުން ރައްޔިތުންނާ ހިއްސާކޮށްފައިވާކަމަށެވެ. އަދި އޭގެތެރެއިން ބައެއް ފަރާތްތަކާއި، އޭނަގެ ހިޔާލު މިކަމުގައި އެއްގޮތް ނޫންކަން އިހުސާން ފާހަގަކުރައްވާފައި ވެއެވެ. މިއީ އެންމެން ގަބޫލުކުރާ ޑިމޮކްރަސީގައި ދައްކައިދިން ރިވެތި މިސާލުކަމަށާއި، މިފަދަ ރެފަރަންޑަމްއެއްގައި ރައްޔިތުންނަށް “އިންފޯމްޑް ޑިސިޝަންއެއް” ނެގުމަށް ކޮންމެހެން ލިބިދޭންޖެހޭ ހިޔާލާއި މައުލޫމާތުމަށް ވިދާޅުވެފައި ވެއެވެ.
“ކުރިންވެސް ހިދުމަތްކުރަމުން އައިހެން މިއަދުން ފެށިގެން އަނެއްކާވެސް އައު ރޫހެއްގައި ފަރުދީ ހައިސިއްޔަތުން ސިޓީ ކައުންސިލާއި އަދި ރަށުގެ ކައުންސިލަރުންނާއި ގުޅިގެން ފޭދޫ އަދި އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި އަޅުގަނޑަށް ކުރެވުނު ހުރިހާ ހިދުމަތެއް ކުރާނަމެވެ. އަޅުގަނޑު އަބަދުވެސް އެދެނީ ފޭދޫ، އައްޑޫސިޓީ އަދި މުޅި ރާއްޖެއަށްވެސް އަދަށްވުރެ ފެހި މާދަމައެއް މާތްﷲ މިންވަރުކުރެއްވުމެވެ.” މިނިސްޓަރު އިހުސާންގެ ބަޔާން ނިންމާލަމުން ވިދާޅުވެފައި ވެއެވެ.
އައްޑޫ ވޯޓުގައި ހުޅުދޫން 68.73% މީހުން ބޭނުން ވަނީ ވަކި ކައުންސިލެއް އުފައްދާށެވެ. ވަކި ކައުންސިލެއް އުފައްދަން ބޭނުން ނުވާކަމަށް އެރަށުން ވޯޓުދިނީ 31.27% މީހުންނެވެ. އަދި މީދޫގެ 85.47% މީހުން ބޭނުން ވަނީ ވަކި ކައުންސިލެއް އުފައްދާށެވެ. ވަކި ކައުންސިލެއް އުފައްދަން ބޭނުންނުވާކަމަށް މީދޫން ވޯޓު ދިނީ 14.53% މީހުންނެވެ.
ހުޅުދޫ އާއި މީދޫއާ ހިލާފަށް ފޭދޫ ރައްޔިތުންގެ ވޯޓަށް ބަލާއިރު، 72.83% މީހުން ބޭނުންވީ ވަކި ކައުންސިލެއް ބޭނުންނުވާ ކަމަށެވެ. ވަކި ކައުންސިލެއް އޮންނަން ބޭނުންވާކަމަށް ފޭދޫން ވޯޓު ދިނީ ހަމައެކަނި 27.17% މީހުންނެވެ.