މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފި އެވެ.
އެގޮތުން އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކުން ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގެ މަގުސަދަކީ ޕީކް ސީޒަންގެ އޮޕަރޭޝަންސްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެކަންކަމަށް ހައްލު ހޯދުމަށް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވަމުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދު ވިދާޅުވީ, އެމްއޭސީއެލްއަކީ ހިދުމަތް ދޭ ކުންފުންޏަކަށްވާއިރު, އެކަމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ. އެގޮތުން ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމަކީ އެމްއޭސީއެލްގައި ބާއްވަމުން އަންނަ އެންމެ މުހިންމު ބައްދަލުވުން ކަމަށް ވިދާޅުވިއެވެ.
މިހާދު ވިދާޅުވީ, އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް, އެ ފަރާތްތަކުން ބަލައިގަންނަ ފެންވަރަށް ނުވަތަ އެއަށްވުރެވެސް މަތީ ފެންވަރަށް ހިދުމަތް ދިނުމަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކާއި ހުރިހާ މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި މުވައްޒަފުންނާއި އެ މުވައްޒަފުންގެ ވިސްނުންވެސް ބަދަލުވާން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާއި އައު އަހަރަށް ދިމާވާ ދުވަސްވަރަކީ އެއޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ. އެގޮތުން މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 7,558 ފްލައިޓް އޮޕަރޭޓް ކުރިއެވެ. އެހެންވެ ކޮންމެ އަހަރެއްގެވެސް ޕީކް ސީޒަނަށް އެއާޕޯޓުގެ ހިދުމަތްތައް ދިނުމުގައި އަވަސް ކުރުމަށް އެމްއޭސީއެލް އިން ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.