މިހާރު ކުރިޔަށްދާ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ދޭއް ޖެހުމާއި ހަމައަށް ވޯޓުލީ 21 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އާންމު ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށެވެ.
މި ވޯޓުގައި ޖުމްލަ 18 ވޯޓު ފޮއްޓެއް ބަހައްޓާފައި ވެއެވެ. އެއީ، ފޭދޫގައި 5 ވޯޓު ފޮށި، ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ. ވޯޓްލުން ކުރިޔަށްދާނީ މިއަދު ހަވީރު 4:00 ގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ، މި ވޯޓުގައި ދޭއް ޖެހުމާއި ހަމައަށް ވޯޓުލާފައިވަނީ ޖުމްލަ2،097 މީހުންކަމަށެވެ. އެއީ ވޯޓް ލެވޭ މީހުންގެ 21.9 އިންސައްތަ އެވެ. ޖުމްލަ ވޯޓްނުލާ 7،479 މީހަކު ތިބިއިރު، އެއީ ވޯޓްލެވޭ ނިސްބަތުގެ78.1 އިންސައްތަ އެވެ.
މި ވޯޓުގައި ޖުމްލަ 9،576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ފޭދޫގައި ބަހައްޓާފައިވާ 5 ވޯޓު ފޮއްޓަށް 2،835 މީހަކު ވަނީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައެވެ. އަދި ހުޅުދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1242 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1،618 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. މާލޭގައި ބަހައްޓާފައިވާ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފޮށިތަކަށް 3،881 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.