އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓުލުން ފަށައިފި އެވެ.
މި ވޯޓުގައި ޖުމްލަ 18 ވޯޓު ފޮއްޓެއް ބަހައްޓާފައި ވެއެވެ. އެއީ، ފޭދޫގައި 5 ވޯޓު ފޮށި، ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ.
ވޯޓްލުން ކުރިޔަށްދާނީ މިއަދު ހަވީރު 4:00 އަށެެވެ. ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓްފަހުން ވޯޓު ގުނައި، ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ނަމަވެސް ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމަ އެވެ.
މި ވޯޓުގައި ޖުމްލަ 9،576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ފޭދޫގައި ބަހައްޓާފައިވާ 5 ވޯޓު ފޮއްޓަށް 2،835 މީހަކު ވަނީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައެވެ. އަދި ހުޅުދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1242 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1،618 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. މާލޭގައި ބަހައްޓާފައިވާ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފޮށިތަކަށް 3،881 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.
އާންމު ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށެވެ. އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް މި ވޯޓުގައި ބައިވެރިވެވޭނެ އެވެ.