މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ފަރުޝަތު އައްޔަންކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ރުހުން ދީފި އެވެ.
ފަރުޝަތު ވަނީ މީގެކުރިން މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފަ އެވެ. އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) މެމްބަރުކަންވެސް ކުރައްވާފައި ވެއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ، މީޑިއާ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އެންމެ ގާބިލު ބޭފުޅަކީ ފަރުޝަތުކަމަށެވެ. މިގޮތަށް ނިންމާފައިވަނީ، މީޑިއާ ކޮމިޝަނުގެ ހަތް މެމްބަރުންނާ އިންޓަވިއުކުރުމަށްފަހު، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީން ފަރުޝަތުގެ ނަން ފާސްކުރި ނަމަވެސް، ރައީސަކަށް އައްޔަންކުރާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. ނައިބުރައީސަކު ހޮވާނީ މެމްބަރުންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ.
މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ނެވެ. ކޮމިޝަނަށް މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ވަނީ ވޯޓަކާ ނުލައި ހޮވިފަ އެވެ. އެއީ ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ޒަމްއަތު ވަހީދާއި ވަގުތު ނޫހުގެ ނޫސްވެރިޔާ އަދި ރާއްޖެ ޓީވީ ކުރީގެ ސްޓޭޝަން އިންޗާޖު ސިމާހާ ނަސީމްގެ އިތުރުން އުވާލި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފާއި އަބްދުލްއަޒީޒް އިބްރާހިމް އެވެ.