2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް އިތުރުކޮށް، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސްވެސް ތައާރަފުކުރައްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ލ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެކަނިވެރި މައިންނަށް ދޭ އެލަވަންސް ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުން 211 މިލިޔަން ރުފިޔާ އެކަށައަޅުއްވާފައިވާކަމަށެވެ. އަދި ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސްގެ ގޮތުގައި، ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ މަގުން، ޖުމުލަ 11.7 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރުމަށްޓަކައި، މީގެ ކުރިން ސަރުކާރުން ހަވާސާކޮށްފައިވާ ދާއިރާތަކަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން، ތެލަސީމިއާ ޕޭޝަންޓުންނަށް ހާއްސަ އެލަވަންސެއް ތައާރަފުކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އަދި އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރީންގެ ތަރުބިއްޔަތަށްޓަކައި ދޭ މިންވަރު، ޖުމުލަ 12،000 ރުފިޔާ އާ ހަމައަށް، ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަކީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.