ހޮޓެލް ސްކޫލަކީ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، ލާމުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މާމެންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ލ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއެކު މަތީ ފަންތީގެ ހިދުމަތްދޭ ފަސް ތަރީގެ ރިސޯޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި ބައްދަލުކުރެއްވުމުގައެވެ. ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ ރަހީމާ އަބްދުއްރަހީމެވެ. އަދި ރިސޯޓް ތަރައްގީކޮށް އޮޕަރޭޓްކުރާ ފަރާތުގެ ހައިސިއްޔަތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.
ރައީސް ވިދާޅުވީ، މި މަޝްރޫއުއާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، އަދި ކުރަން ބޭނުންވާ ފަރާތްތަކަށް ،އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށެވެ. ވަކީން ހާއްސަކޮށް، މާމެންދޫގެ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުންވެސް، ލމާމެންދޫގެ ތަރައްގީއާ ގުޅިފައިވާ މުހިންމު މަޝްރޫއުތަކެއްގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން ބަނދަރު ތަރައްގީކުރުމާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން، މާމެންދޫ މަގުހެދުމުގެ މަޝްރޫއުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. އަދި މާމެންދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ. ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް އާދަމް ޝަރީފު އުމަރެވެ. މީގެއިތުރުން ލ. މާމެންދޫ ސިއްހީ މަރުކަޒުގައި ތަރައްގީކޮށްފައިވާ ލެބޯޓްރީގެ ހިދުމަތްތައްވެސް ރައީސްގެ މި ދަތުރުފުޅުގައި ވަނީ ފައްޓަވައިދެއްވާފައެވެ.
މި ހުރިހާ މަޝްރޫއުތަކަކީވެސް ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންގޮސްދޭނެ މަޝްރޫއު ތަކެއްކަމުގެ ޔަގީންކަން، ރައީސް ވަނީ، މާމެންދޫގެ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ. އަދިވެސް ރަށުގެ ތަރައްގީއަށް މުހިންމު އިތުރު މަޝްރޫއުތައް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.