މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ 14 ރަށްކަމަށްވާ ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށް ޒިޔާރަތްކުރައްވާފައި ވެއެވެ. ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުއުލޫމާތު ފޯރުކޮށްދެއްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، ތަރައްގީގެ މަސައްކަތްތައް ފައްޓަވައި، ތަރައްގީގެ އެކި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފަ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ ބައެއް މަޝްރޫއުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި މަޝްރޫއުތައް ފައްޓަވާފައިވެއެވެ. އަދި އެކި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ތަރައްގީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން، އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފަ އެވެ.
އެގޮތުން، މަސްވެރިކަން ތަރައްގީކުރުމަށް، މި ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ގާއިމުކުރެއްވި ފުރަތަމަ އައިސް ޕްލާންޓްގެ ހދުމަތް، ފުނަދޫގައި ރަސްމީކޮށް ފައްޓަވައިދެއްދެއްވި އެވެ. އަދި، 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ސިއްހީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތައުލީމީ ދާއިރާއަށް އެކަށައަޅުއްވާނޭކަންވެސް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.
ރައީސްގެ ދަތުރުފުޅުގައި ކަނޑިތީމުގައި ބީއެމްއެލްގެ އޭޓީއެމެއް ހުޅުއްވައިދެއްވާ، ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.