ށ. ފުނަދޫ އެއަރޕޯޓުގެ ހިދުމަތްތަށް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ށ އަތޮޅުގެ ރަށްތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ފުނަދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ، މި މަޝްރޫއުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރޭގަނޑު ފްލައިޓް ޖެއްސޭގޮތް ހެދުމަށްކަމަށެވެ. އެ މަސައްކަތް އަންނަ ޑިސެމްޕަރު މަހަށް ނިންމާލެވޭނަކަމަށް ޝަރީފް ވިދާޅުވި އެވެ.
“މި މަޝްރޫއުގެ އެންމެ މުހިންމު ކޮމްޕޯނަންޓަކަށް ވާނީ، ރޭގަނޑު މިތަނަށް ފްލައިޓް ޖެއްސޭގޮތަށް ލައިޓިން ލުން. އެނގިވަޑައިގަންނަވާނެ ބަލިމީހުންވެސް އުފުލާ އެއާޕޯޓެއް މިއީ. މިހާރު މިތަނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ލައިޓިން ލުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ޔަގީންކަން މި އަރުވަނީ ޑިސެމްބަރު މަސް ރޭގަނޑު ބޯޓު ޖެއްސޭވަރަށް އަޅުގަނޑުމެން ލައިޓް ޖައްސާ ނިންމާނަން” ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، ފުނަދޫ އެއާޕޯޓުގެ ޓްރެފިކް އިތުރުކުރުމަށްޓަކައި ފަސިންޖަރުން އެއާޕޯޓުގައި މަޑުކުރާނެ ލައުންޖަކާއި ރެސްޓޯރެންޓެއްވެސް ގާއިމުކުރެވިގެންދާނެކަމަށެވެ. އަދި ލަގެޖް ބެލްޓެއް ވެސް އެއާޕޯޓަށް އިތުރުކުރަން ނިންމާފައިވާނެ ކަމަށް ވިދާޅުވި އެވެ.