އަންނަ އަހަރުގެ ބަޖެޓުން، 500 މިލިޔަން ރުފިޔާ ސިއްހީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތައުލީމީ ދާއިރާއަށް އެކަށައަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ށ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށެވެ. ރައީސް ވިދާޅުވީ، މި ދެ ދާއިރާގެ ތަރައްގީ ކަށަވަރުކުމަށް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަވާނޭ އައު މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނުއްވާނެކަމަށެެވެ.
އެގޮތުން، ތައުލީމީ ދާއިރާގައި ހާއްސަ ސަމާލުކަމެއް ދެއްވާނޭ ދެ ކަމެއް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ އިންކްލޫސިވް އެޑިއުކޭޝަނާއި މަތީ ސާނަވީ ތައުލީމު މުޅި ރާއްޖެއަށް ފުޅާކުރުމެވެ. ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގާއިމުކުރުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިއުކޭޝަން ދާއިރާއިން އިތުރު މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަރިވަރުން ބޭނުންވާ ދާއިރާއަކުން މަތީ ސާނަވީ ފެންވަރަށް ކިޔެވޭނޭ ފުރުސަތު ފަހިކޮށްދެއްވައި، އަންނަ އަހަރު ވޮކޭޝަނަލް ހައި ސްކޫލެއްވެސް ގާއިމުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސިއްހީ ދާއިރާއާށް އަލިއަޅުއްވާލައްވަމުން، ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާލެއާއި، ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ސިއްހީ ހިދުމަތް ފުޅާކުރުމަށް މަސައްކަތްތައް ކުރިއަށްގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތައް ކުރާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއާއަށް ސަމާލުކަން ދީގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.