ކަސްޓަމްސްއިން ހިފަހައްޓައި، މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ސިނގިރޭޓްތައް ވަގަށް ނެގި މައްސަލާގައި ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާކަމަށް އެމްޕީއެލްއިން ބުނެފި އެވެ.
އެމްޕީއެލްގެ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ވަގަށް ނަގާފައިވަނީ، އޭޕްރީލް މަހު ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.
އެ މައްސަލާގެ ތަހުގީގު މިހާރުކުރިއަށްދާއިރު ފުލުހުން ވަނީ އެކަމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ 4 މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ 2 ވިޔަފާރިވެރިންނާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހެކެވެ.
މި މައްސަލައާއި ގުޅޭގޮތުން އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮންޓެއިނަރުތައް ވަގަށް ނެގިކަން އެނގުމާއެކު އެކުންފުނީގެ އެތެރޭގެ ތަހުގީގެއް ފަށާފައިވާކަމަށެވެ. ތަހުގީގަށް މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކުންފުނީގެ ފަސް މުވައްޒަފުން ސަސްޕެންޑްކޮށްފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި އިތުރު މުވައްޒަފަކު މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާކަމަށް ވަނީ ބުނެފަ އެވެ.
އެމްޕީއެލްއިން ބުނީ، މިއީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ، އެކުންފުނީގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށްކަމަށެވެ. ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރަމުންކަމަށް އެކުންފުނިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ސެކިއުރިޓީ އާކިޓެކްޗަރ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ފަށާފައިވާކަމަށް އެމްޕީއެލްއިން ވަނީ ބުނެފަ އެވެ.