އުރީދޫ މޯލްޑިވްސް އާއި ޕޭޕަލް ގުޅިގެން، އަންނަ އަހަރު ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަން ނިންމައިފި އެވެ.
އުރީދޫއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ގެނައުމަށްޓަކާ އެ ދެ ކުންފުނީގެ ދެމެދުގައި ޕާޓްނާޝިޕް ރަސްމީކޮށް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުރީދޫން ބުނީ ޕޭޕަލް ހިދުމަތާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލްގެ ހިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް ވިޔަފާރި ކޮށް، ޕޭޕަލް އަދި އެމްފައިސާ އެކްއުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ބުނެފައިވެ އެވެ.
ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޮލެޓްތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު އިއްޒުގެ ރިޔާސީ ވައުދެކެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރަން އުރީދޫން ކުރަމުންދާ މަސައްކަތަކަށް މަރުހަބާ ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އުރީދޫ ފިންޓެކް އަދި ޕޭޕާލް ގުޅިގެން ޕޭޕާލް ވޮލެޓް އަދި އެމްފައިސާ ވޮލެޓް ގުޅާލެވުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހިންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނީ ޕޭޕަލް ތައާރަފު ކުރުމުގެ ހުރިހާ ކަމެއް ހަމަޖެހުނީ ވަރަށް ގިނަ ދަތިތައް ކަޑައްތު ކުރި ފަހުން ކަމަށެވެ. މި ހިދުމަތް ތައާރަފު ކުރުމަށްޓަކައި ޕޭޕަލް އަދި ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.